ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަހަރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިން ހޭދަކުރަނީ ކިހާ ދުވަހެއްތޯ ބަލަންޖެހޭ ކަމަށެވެ.
"ރާއްޖޭގައި ހޭދަކުރާ ދުވަސް އެބަ އިތުރުކުރަން ޖެހޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ފަތުރުވެރިން ރާއްޖޭގައި ކުރާ ހޭދަ އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މޭ މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓަށް ބަލާއިރު މި އަހަރުގެ އެޕްރީލް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 18 ޕަސެންޓް އިތުރުވި ނަމަވެސް ޖުމްލަ ބެޑްނައިޓްސް ވަނީ ހަތަރު ޕަސެންޓް ދަށަށް ގޮސްފަ އެވެ.