މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް

ކައުންސިލް އިދާރާ މަޝްރޫއުގެ ފީސިބިލިޓީ ހަދަން ޗައިނާގެ ވަފުދެއް އަންނަނީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރާ 50 ރަށު ކައުންސިލް އިދާރާގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.

ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރާ 50 ކައުންސިލް އިދާރާގެ މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް މިމަހު އަންނަން ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

ރަށްރަށުގެ ކައުންސިލް އޮފީސް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކައުންސިލް އިދާރާގެ އިމާރާތްކުރުމުގެ މަޝްރޫއުގައި ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޗައިނާގެ އެހީގައި 50 ރަށެއްގެ ކައުންސިލް އިދާރާ އިމާރާތްކުރާއިރު ސަރުކާރުގެ ހަރަދުގައި 55 ކައުންސިލުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.