ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސައުދީ އަރަބިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ހައްޖާޖީންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ސައުދީ ޢަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ގައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާ މެދު ހިޔާލުބަދަލުކުރައްވާފަ އެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ޒިޔާރަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަކުރެއްވުމަށް ސައުދީ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.