ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރުގައި މަޑުކުރަން ނިންމައިފި އެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ސައުދީގެ މަޑުކުރާނެ ކަމަށް ބުނެފައިވަނީ ނޭޝަންސް ލީގު ކާމިޔާބު ކުރުމަށްފަހު ދިން އިންޓަވިއުއެއް ގައެވެ.
"އަހަރެންގެ މުސްތަގުބަލުގެ އެއްވެސް ކަމެއް ބަދަލުއް ނުވާނެ. އޭގެ މާނައަކީ އަހަރެން އަލް ނަސްރުގައި މަޑުކުރާނެ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާގެ ގައުމަށް ނޭޝަންސް ލީގު ދެވަނަ ފަހަރަށް ކާމިޔާބުކޮށްދީފަ އެވެ. މި މުބާރާތުގައި މިހާރު އެންމެ ކާމިޔާބު އެއް ޓީމަކީވެސް ޕޯޗްގަލް އެވެ.
ރޮނާލްޑޯ އަލް ނަސްރާ ގުޅުމަކީ ސައުދީ ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޭނާ އެލީގަށް ބަދަލުވުމާ ގުޅިގެން ސައުދީ ޕްރޮ ލީގަށް ދުނިޔޭގެ ސަމާލުކަން ލިބި، ލީގާ ގުޅެން ނަން މަޝްހޫރު ގިނަ ކުޅުންތެރިން ސޮއިކުރި އެވެ.
ދުނިޔޭގެ މީޑިއާގެ ސަމާލުކަންވެސް މިހާރު ވަނީ ސައުދީގެ ލީގަށް ލިބެން ފަށާފަ އެވެ. ނަތީޖާއެއްގެ ގޮތުން އެތައްހާސް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ލީގުގެ މެޗުތައް ބެލުމަށް ސައުދީއަށް ދަތުރުކުރެ އެވެ. މިބަދަލާ އެކު ސައުދީގެ ޓޫރިޒަމަށްވެސް އިތުރު ކުރިއެރުންތައް ލިބިގެން އެބަދެ އެވެ.