ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކްރޫއިންގެ ތެރޭގައި ހިމެނޭ އިންޑިއާ ހަ މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
ބޯޓުގެ ކެޕްޓަން ފިޔަވައި ދެން ތިބި އެންމެން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލި މީހުންގެ ތެރެއިން އިންޑިއާ މީހުންގެ މައްސަލަ މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ.
މި ބޯޓުގެ ކެޕްޓަނަކީ އިންޑޮނީޝިއާއަށް ނިސްބަތްވާ 30 އަހަރުގެ ނަސްވަން އަދީލެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމަށެވެ. އެ ބޯޓުގެ ކެޕްޓަން ހިމެނޭހެން 10 މީހުން ހައްޔަރުކޮށްފައިވާއިރު، ކެޕްޓަން ނޫން އެހެން އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ކެޕްޓަންގެ ބަންދަށް އިތުރު 30 ދުވަސް ވަނީ ޖަހާފަ އެވެ.
މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން
- ނަސްވަން އާދިލް (30އ)
- އެޑްރިއަންސަޔާ (25އ)
- މުޙައްމަދު އިޤްބާލް މަކްރޫމް (30އ)
- ޕްރަބާކަރަން ނަގަރާޖަން (35އ)
- ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
- ގަނޭޝް ބޮމްމާލީ (22އ)
- ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) މިހާރު ދޫކޮށްލާފައިވަނީ
- ޕީޓާ ވިނީ (28އ)
- ސަރަން ޕަދްމަން (28އ)
- ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވެ އެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯ އެވެ.
ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ނަސްވަން އަކީ ބޯޓުގެ ކެޕްޓަން ކަމަށްވުމުން ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާ އެވެ. އެހެންނަމަވެސް ނަސްވަންގެ ދިފާއީ ވަކީލު ވަނީ ބޯޓުގެ ބައެއް ފަޅުވެރިން ދޫކޮށްލާފައިވާކަން ފާހަގަކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނަސްވަން އަށް ނޭނގޭ ކަމަށް ބުނި ނަމަވެސް ކެޕްޓަންގެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށެވެ.