ހަބަރު

ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދުގެ އާއިލާ އިން ބޭނުންވީ އޭނާގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާށެވެ. އެކަމަކު އެގޮތަށް އަމަލުކުރާނަމަ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަންޖެހޭތީ މެލޭޝިއާގައި ޖަނާޒާ ބޭއްވުމަށް ނިންމީ ކަމަށް އެނގިފައިވެ އެވެ.

ޝައިހް ފަރީދު އިއްޔެ އޮއްސެން އުޅެނިކޮށް އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ވަޑައިގެންތާ އެއާޕޯޓްގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ.

އެއާޕޯޓުން ޝައިހް ފަރީދަށް އަވަސް ފަރުވާ ދިން ނަމަވެސް އިރުކޮޅެއް ތެރޭ އަވަހާރަވި އެވެ.

ޝައިހް މެލޭޝިއާއަށް ވަޑައިގެންނެވީ އެ ގައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް ފަރީދަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.

އިސްލާހީ މަސައްކަތްތަކާއި ދީނަށް ނަސްރު ދިނުމަށް ކުރެއްވި ބައެއް މަސައްކަތްތަކާ ގުޅިގެން ޖަލުގައިވެސް ޝައިހް ވަނީ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ.

ޝައިހް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި އަދި ވަރަށް ގިނަ އާންމުންވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.