ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ އަންނަ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ބާއްވައިފިނަމަ އަންނަ ހުކުރު ދުވަހު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފަރީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.
ފަރީދުގެ އާއިލާ އިން ވަނީ މެލޭޝިއާގައި ޖަނާޒާ ބާއްވަން ނިންމާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
"އިންޝާ ﷲ މިހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފައި،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޝައިހް ފަރީދުގެ ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތް އިއުލާން ކުރަމުންދާނެ ކަމަށެވެ.
އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް ފަރީދަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.
އިސްލާހީ މަސައްކަތްތަކާއި ދީނަށް ނަސްރު ދިނުމަށް ކުރެއްވި ބައެއް މަސައްކަތްތަކާ ގުޅިގެން ޖަލުގައިވެސް ޝައިހް ވަނީ ދުވަސްތަކެއް ހޭދަކުރައްވާފަ އެވެ.
ޝައިހް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި އަދި ވަރަށް ގިނަ އާންމުންވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.