ދިވެހި ސިނަމާ

އިއްލެގެ "ލޯބިން" އޮގަސްޓް 6ގައި ޕްރިމިއާ ކުރަނީ

އުއްމީދީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އާ ފިލްމު "ލޯބިން" މިއަހަރުގެ އޮގަސްޓް ހަވަނަ ދުވަހު ޕްރީމިއާކުރަން ނިންމައިފި އެވެ.

އިއްލެ ހިއްސާވާ އައި ފިލްމުސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ފަސްޓްލުކް ޓީޒާއެއްވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ.

ނ. ކެނދިކުޅުދޫގައި ގިނަ މަންޒަރުތަކެއް ޝޫޓްކޮށްފައިވާ ލޯބިންގެ ޓީޒާގައި ދައްކަނީ ފިލްމުގައި ހިމެނޭ ލަވައެއްގެ ބައެއް މަންޒަރުތަކެވެ.

ލޯބިންގައި ލީޑް ކުރާ ތަރިންނަކީ ހަގީގީ ދިރިއުޅުމުގައި ދެމަފިރިން ކަމަށްވާ އިފްނާޒް ފިރާގާއި ތާތި އާދަމްގެ އިތުރުން އަހްމަދު ޝާރިފާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

ލޯބިންގެ ވާހަކައަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމަކަށް ވާތީ ގިނަ ބަޔަކަށް ފިލްމު ކަމުދާނެ ކަމަށް އުފައްދާ ފަރާތުން ބުނެ އެވެ.

އިއްލެ މީގެކުރިން ވަނީ "ބަވަތި"، "ނީނާ" އަދި "ފްރީ ޑެލިވަރީ"ގެ އިތުރުން "ކަންބަޅި"ވެސް ޑައިރެކްޓް ކޮށްފަ އެވެ.