ޓޫރިޒަމް

އިނގިރޭސިވިލާތުން އެއް ލައްކަ ފަތުރުވެރިން

އިނގިރޭސިވިލާތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް އިނގިރޭސިވިލާތުން އަހަރުގެ މިހާތަނަށް 101،781 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދާއެކު އެގައުމު އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 10.1 ޕަސެންޓަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އިނގިރޭސިވިލާތުން ޒިޔާރަތްކުރި އެއް ލައްކަ ވަަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ ޖުލައި މަހު އެވެ. އަދި 2023 ވަނަ އަހަރު އެ ގައުމުގެ އެއްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ އޮގަސްޓް މަހު އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 121،393 ފަތުރުވެރިން
  • ރަޝިއާ - 111،937 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 101،781 ފަތުރުވެރިން
  • އިޓަލީ - 83،142 ފަތުރުވެރިން
  • ޖަރުމަނު - 77،012 ފަތުރުވެރިން
  • އިންޑިއާ - 58،915 ފަތުރުވެރިން
  • ފްރާންސް - 34،774 ފަތުރުވެރިން
  • އެމެރިކާ - 31،619 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 22،237 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 18،503 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 727،742 ފަތުރުވެރިން -- 71.6 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 230،699 ފަތުރުވެރިން -- 23.0 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 28،830 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 24،013 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 689 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 850 ގެސްޓްހައުސްގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.