އިސްލާމިކް މިނިސްޓްރީ

ފަރީދުގެ މައްޗަށް ހުކުރު ދުވަހު ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ

ޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.

ޝައިޚް ފަރީދު އަވަހާރަވީ މިމަހުގެ ނުވަ ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީސް އެއާޕޯޓްގައި ހުންނަވަނިކޮށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝައިޚް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވަނީ ރަށްރަށު ކައުންސިލްތަކާއި އިމާމުން މިކަމަށް ސަމާލުވުމަށް އެދިވަޑައިގެންފަ އެވެ. އަދި މިކަމާ ގުޅޭ ރަސްމީ ނޯޓު މިއަދު ކައުންސިލްތަކަށް ފޮނުވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝައިޚް ފަރީދަކީ ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއްކޮށް ދެއްވި ބޭފުޅެއްކަން ޝަހީމް ވަނީ ފާހަގަކުރައްވާފަ އެވެ.

"އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެކެވެ. އެ ބޭފުޅާގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތަށް ފުން އަސަރެއް ކުރުވިއެވެ. އެ ބޭފުޅާގެ ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތުކުރައްވައެވެ. މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައެވެ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ޝައިޚް ފަރީދު ފަދަ ބޭފުޅުންގެ ހަޔާތުން ފިލާވަޅުތައް ލިބިގަނެ އެ ބޭފުޅުން ކޮށައި ދެއްވި މަގުން ހިނގައި އިސްލާމް ދީނާއި ވަތަނުގެ ދިފާއުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު މިއަދު ކޮނޑުގައި އެޅިފައިވާ ކަމަށެވެ.