ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މެޗުގައި ބްރެޒިލް އިން ޕެރަގުއޭ ބަލިކުރިއިރު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ބްރެޒިލް އިން އަމިއްލަ ގައުމުގައި ކުޅެ ޕެރަގުއޭ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ބްރެޒިލް ކުޅުނު 16 މެޗުން އެޓީމަށް 25 ޕޮއިންޓް ލިބިފައިވެ އެވެ. މި ނަތީޖާއާއެކު ބްރެޒިލް މިހާރު ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފަ އެވެ.
ދިހަ ޓީމު ކުޅޭ ކޮލިފައިންގައި 6 ޓީމަށް 2026ގެ ވޯލްޑްކަޕުން ޖާގަ ލިބޭނެ އެވެ. އަދި ހަތްވަނައަށް ދާ ޓީމަށް ވޯލްޑް ޗަޕުން ޖާގައެއް ހޯދުމަށް އިތުރު މެޗެއް ކުޅެން ޖެހޭނެ އެވެ.
އާޖެންޓީނާ އަމިއްލަ ގައުމުގައި ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ކުޅުނެވެ. އޭނާ މި މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން ގިނަ ދުވަސް ވަންދެން ނުކުޅެ ހުރުމަށްފަހު އެވެ.
ވޯލްޑްކަޕަށް ކޮލިފައިވެފައިވާ އާޖެންޓީނާއަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 16 މެޗުން 35 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފަ އެވެ.
ރޭ ކުޅުނު އެހެން މެޗެއްގައި ވެނެޒުއޭލާ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި އުރުގުއޭ ވަނީ 2-0ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ ހަތަރުވަނައަށް އަރާފަ އެވެ.