އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ލޮސް އެންޖެލިސްގައި ކުރިއަށް ގެންދިޔަ އެއްވުންތައް ހަމަނުޖެހުންތަކަށް ބަދަލުވުމުން އެ ސިޓީގައި ކާއިފިއު ހިންގަން ފަށައިފި އެވެ.
ލޮސް އެންޖެލިސް ސިޓީގެ މޭޔަރު ކަރެން ބާސް ވަނީ އެ ސިޓީގައި ކާފިއު އިއުލާނު ކުރައްވާފައިވާ ޔަގީންވެސް ކޮށްދީފަ އެވެ.
ކާފިއު ހިންގަނީ ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. ކާފިއުގެ ސަބަބުން ލޮސް އެންޖެލިސްގައި ދިރިއުޅޭ ހަތަރު މިލިއަން މީހުންގެ ތެރެއިން 100،000 އެއްހާ މީހުންނަށް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި މުޒާހަރާތަކާ ގުޅިގެން ލޮސް އެންޖެލިސްގެ ޑައުންޓައުން ސަރަހައްދުގައި ހުރި ގިނަ ވިޔަފާރިތަކަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މޭޔަރު ބާސް ވިދާޅުވި އެވެ. އަދި ކާފިއު އާ ހިލާފުވާ މީހުން ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހައްޔަރުކޮށް ދައުވާ އުފުލާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާގެ އެހެން ބައެއް ސިޓީތަކުގައިވެސް ޓްރަމްޕާއި ދެކޮޅަށް މުޒާހަރާ ކުރަމުން އެބަދެ އެވެ. އެގޮތުން ނިއުޔޯކް، ޗިކާގޯ އަދި އެޓްލާންޓާ ފަދަ އެމެރިކާގެ ބޮޑެތި ސިޓީތައް ހިމެނެ އެވެ.
މުޒާހަރާތައް ފަށާފައިވަނީ ރައީސް ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަން ސިޔާސަތުތައް ހަރުކަށިކުރުމާ ގުޅިގެންނެވެ.
ގާނޫނާއި ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވެފައިވާ ކަމަށް ބެލެވޭ ފަރާތްތައް ހޯދުމަށް ޓްރަމްޕްގެ އަމުރުފުޅަށް ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.