މޯލްޑިވްސް ޕޮލިސް ސާވިސް

ސީޕީ ނަވީންއާއި ސިފައިންގެ ޗީފް ހިލްމީ ބައްދަލުކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ސިފައިންގެ މައި މަރުކަޒުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު އޮތް މި ބައްދަލުވުމަކީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެންނެވި އިސްމާއީލް ނަވީން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފް ވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. ހާއްސަކޮށް ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.