ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ފެރީގެ ހިދުމަތް މި މަހު ރ. އަތޮޅުގައި ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި މަހު ރ. އަތޮޅުގައި ފެށޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވީ މި އަހަރު ނިމެންވާއިރަށް މުޅި ރާއްޖެއަށް އާރްޓީއެލް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.

"މިމަސް ނިމެންވާއިރަށް އަޅުގަނޑުމެންނަށް ރ. އަތޮޅުގައި އާރްޓީއެލްގެ މަސައްކަތް ފެއްޓޭނެ،" ސައުދީ ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވިދާޅުވީ މި އަހަރުގެ ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައިވެސް އާރްޓީއެލްގެ ހިދުމަތް ފެއްޓޭނެ ކަމަށެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.

މި ހިދުމަތް ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އަންނަނީ ދެމުންނެވެ.