16 އަހަރަށް ދަށުގެ އާޝިއާ ކަޕް ސާފް ކޮލިފައިން މުބާރާތް މިއަދު މާލޭގައި ފަށާނެ އެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ، ސްރީލަންކާ، އިންޑިއާ އަދި ބަންގްލަދޭޝް ވާދަކުރާނެ އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން ދެ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވެ އެވެ.
މިއަދު މެންދުރު 12 ޖަހާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝް ވާދަކުރާއިރު، މިރޭ 8 ޖަހާއިރު ރާއްޖެ ސްރީލަންކާއާ ދެކޮޅަށް ކުޅެނެ އެވެ. މާދަމާ ހަވީރު ރާއްޖެ އަދި އިންޑިއާ ބައްދަލުކުރާނެ އެވެ. އަދި ހޮނިހިރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ.
ރާއްޖޭގެ އަންހެން ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:30ގައި ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި ޑިވިޝަނުގެ ފުރަތަމަ މެޗުގައި މެންދުރު 2:30ގައި އިންޑިއާ އާއި ސްރީލަންކާ ކުޅެން ހަމަޖެހިފައިވެ އެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ އަންހެން ޓީމުގެ ދެވަނަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުމަށްފަހު ހޮނިހިރު ދުވަހުގެ ހަވީރު އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމު ނިކުންނާނެ އެވެ.
މިއީ ރާއްޖޭގައި މިމުބާރާތް ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ނަތީޖާ ނުކުންނަ ގޮތަކުން އާޝިއާ ކަޕްގެ މައި މުބާރާތަށް ހޮވޭ ޓީމުތައް ކަނޑައެޅޭނެ އެވެ.