އެއާ އިންޑިއާގެ ބޯޓުން އެކަކު ސަލާމަތްވެފައިވާ އިންޑިއާެ ފުލުހުން ބުނެފި އެވެ.
ދިރިހުއްޓާ ފެނުނީ ބޯޓުން ދަތުރު ކުރި އިނގިރޭސިވިލާތަށް ނިސްބަތްވާ ވިޝްވާޝް ކުމާރު ރަމޭޝް ކިޔާ މީހެއް ކަމަށްވެ އެވެ.
އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކުން ބުނާ ގޮތުގައި އޭނާ ބޯޓުގައި އިނީ ސީޓް 11އޭ ގައެވެ. އެމީހާ އަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މިއަދު ވެއްޓުނު ބޯޓުން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް އިންޑިއާގެ ކަމާ ގުޅޭ ބައެއް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާ ފުލުހުން ބުނާ ގޮތުގައި އެއާ އިންޑިއާގެ ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށްވާތީ މަރުވި މީހުން އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓުގައި 242 ފަސިންޖަރުން ދަތުރުކުރި ކަމަށްވެ އެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކާއި ޕޯޗްގީޒް ހަތް މީހެކެވެ.
ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެ ބޯޓު ނައްޓާލި އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައިވާ ހުރި ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ.
ބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު އެ ވީޑިއޯ އިން ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި އަދި ސިކުންތުކޮޅެއްގެ ތެރޭގައި ހުޅުގަނޑު ފަޅައިގެންދާ މަންޒަރެވެ.