ޖޭއެސްސީ

ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެމްބަރަކު ހޯދަން އިއުލާންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އާންމުންގެ ތެރެއިން އިންނަވާ މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނަވާ މެމްބަރުގެ ގޮތުގައި މިހާރު އިންނެވީ ޑރ. އާމިނަތު އުއްމުކުލްސޫމް އެވެ.

ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނަވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ޖުލައި ތިންވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު އާންމުންގެ ތެރެއިން އިންނަވާ މެމްބަރު އެ މަގާމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް ޖޭއެސްސީ އުފެއްދި ފަހުން އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް އަދި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.