ދިގުދެމިގެން ހިނގައިދާނެ ކަމަށް ބެލެވޭ ވަރުގަދަ ހަނގުރާމައެއް އިރާނާއި އިޒުރޭލުން ފަށައިފި އެވެ.
ހަމަލާތައް ރޭ ފަތިސް ވަނިކޮށް ފުރަތަމަ ފެށީ އިޒުރޭލުންނެވެ.
އިޒުރޭލުން ވަނީ ފަސް ފަހަރެއްގެ މަތިން އިރާންގެ 8 ތަނަކަށް ހަމަލާ ދީފަ އެވެ. މި ހަމަލާތައް އިޒުރޭލުން ފަށާފައިވަނީ ވެސް ހަފްތާއަށް ހަނގުރާމަ ކުރިއަށް ގެންދަން ނިންމައިގެންނެވެ.
އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އިރާންގެ އިސް އޮފިޝަލުންތަކަކާއި އިރާންގެ ނިއުކުލިއާ ޕްރޮގްރާމުގައި ހަރަކާތްތެރިވާ ބައެއް ސައިންސްވެރިން އަވަހާރަކޮށްލާފައިވެ އެވެ.
އިޒުރޭލުގެ ހަމަލާތަކުގައި އަވަހާކޮށްލި ބޭފުޅުން
- އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް މޭޖާ ޖެނެރަލް ހުސައިން ސަލާމީ
- ޚަތަމް އަލް އަންބިޔާ ހެޑްކުއާޓާސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަދި ކޮމާންޑަރު މޭޖާ ޖެނެރަލް ޣަލާމް އަލީ ރަޝީދު
- އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ
- ފެރިދޫން އައްބާސީ ދަވާނީ (ސައިންޓިސްޓެއް)
- މުހައްމަދު މެހްދީ ތެހެރާނީ (ސައިންޓިސްޓެއް)
އިޒުރޭލުން ހަމަލާދީފައިވާ މައިގަނޑު ތަންތަނަކީ އިރާނުގެ ޔޫރޭނިއަމް ފައްކާކުރާ މައި މަރުކަޒު ކަމަށް ބުނާ ނަޓާންޒް ސިޓީއާއި ވެރިރަށް ތެހެރާނުގެ ކައިރީގައި ހުންނަ އަސްކަރީ ބައެއް މަރުކަޒުތަކާއި ތެހެރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތެޔޮ ސާފުކުރާ ކާރުހާނާއެއް ހުންނަ ތަބްރީޒް ސިޓީއާއި އިސްފަހާން ސިޓީއާއި އަރަކް ސިޓީގެ އިތުރުން ކެރްމަންޝާހް ސިޓީ ހިމެނެ އެވެ.
އިރާނުން ވަނީ އިޒުރޭލުގެ ހަމަލާތަކަށް ބަދަލު ހިފާނެ ކަމަށް ބުނެ އިޒުރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދޭން ފަށާފަ އެވެ.
އެމެރިކާ އިން ވަނީ އިޒުރޭލުން އިރާނަށް ދިން ހަމަލާތަކުގައި ބައިވެރި ނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު އިރާނުން އިޒުރޭލަށް ހަމަލާދީފިނަމަ އިޒުރޭލުގެ ދިފާއުގައި އެމެރިކާ ނިކުންނާނެ ކަމަށްވެސް އެމެރިކާގެ ރައީސް ޑރ. ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިޒުރޭލުން އިރާނަށް ދިން ހަމަލާތައް ސައުދީ އަރަބިއްޔާ، ޔޫއޭއީ، ތުރުކީ، ގަތަރުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި މިހަމަލާތައް އިތުރަށް ފުޅާނުކުރަން ގައުމުތަކުން ގެންދަނީ ގޮވާލަމުންނެވެ.
އދގެ ސެކްރެޓަރީ ޖެނަރަލްވެސް ވަނީ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސް ނުކުރަން އިޒުރޭލާއި އިރާނަށް އިލްތިމާސްކޮށްފަ އެވެ.
އިޒުރޭލުން އިރާނަށް ހަމަލާދިނުމާ އެކު ތެލުގެ އަގު ވަނީ އުފުލިފަ އެވެ.