އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން މި އަހަރުގެ ރަމަޟާން މަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައިވަނީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.
މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހުން މާޗް 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލެއާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއްގައި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާއެއް ވަނީ ދީފަ އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި މި ޕްރޮމޯޝަނާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔަ އެވެ.