އީރާން

އީރާނުގެ ވަރުގަދަ ހަމަލާތަކެއް، އިޒްރޭލުން އަނެއްކާވެސް ހަމަލާދީފި

އީރާން-އިޒްރޭލް ހަނގުރާމައިގައި އީރާނުން ރޭ ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށް އިޒްރޭލުން އީރާނަށް އަނެއްކާވެސް ހަމަލާދީފި އެވެ.

އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދިނުމުން ރައްދުގައި އީރާނުން ރޭ ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ ބެލެސްޓިކް މިސައިލްއިން ހަމަލާދީފަ އެވެ.

މި މިސައިލްތައް އިޒްރޭލުގެ ތެލް އަވީވްއަށް އަމާޒުވިއިރު މި ހަމަލާތަކުގައި އިޒްރޭލުގެ ބަޔަކަށް އަނިޔާވި އެވެ. އަދި ބައެއް އިމާރާތްތަކަށް ގެއްލުންވި އެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތަކުން މިއަދު ވަނީ އީރާނުގެ ވެރިރަށް ތެހެރާނާ ގާތްގަނޑަކަށް 325 ކިލޯމީޓަރު އުތުރުގައި އޮންނަ ޒަންޖަންގައި ހުންނަ އީރާންގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފަ އެވެ.

އިޒްރޭލުން އިއްޔެ އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ އިސް އޮފިޝަލުންނާއި ނިއުކްލިއާ ޕްރޮގްރާމްގެ ބައެއް ސައިންސްވެރިން ވަނީ އަވަހާރަކޮށްލާފަ އެވެ.

އިޒްރޭލުގެ ހަމަލާތަކަށްފަހު އެމެރިކާއާއެކު ނިއުކްލިއާ މަޝްވަރާތައް ކުރުމުގެ މާނައެއް ނެތް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.