ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
އުމުރުފުޅުން 55 އަހަރުގައި ޑރ. މަޖީދު އަވަހާރަވީ ސްރީލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މެއި 22، 2018 ގައި ސްރީ ލަންކާގަ އެވެ.
ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާން މިއަދު ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެގޮތުން އިމްރާން ވިދާޅުވީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ.
"އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީ އެވެ،" އިމްރާން ވިދާޅުވި އެވެ.
ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާން ބޮޑު ތުހުމަތެއް ކުރެއްވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އިމްރާން ބޮޑު ތުހުމަތެއް ކުރެއްވިއިރު އޭނާގެ ހޯމް މިނިސްޓަރު ކަމުގައި ޑރ. މަޖީދުގެ މަރާ ގުޅިގެން އެއްވެސް ކަމެއް ތަހުގީގު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. ޑރ. މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމުތައް ފުރުއްވާފަ އެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑަރަކީ ވެސް މަޖީދެވެ. ދީނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައިވެސް ހިނގި ނަމެކެވެ.