އީރާން

އީރާނާއި އިޒްރޭލަށްވެސް ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް

ހައްދުން ނައްޓާލާފައިވާ ޔަހޫދީ ދައުލަތުން އީރާނަށް އަމާޒުކޮށް ރޭ ވެސް ވައިގެ ހަމަލާތައް ދީފައިވާއިރު އޭގެ ރައްދުގައި އީރާނުންވެސް އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލުން އީރާނަށް ހަމަލާ ދިނީ އީރާނުގެ ސަރުކާރުގެ އިސް ވެރިން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފައި ވަނިކޮށެވެ.

އިޒްރޭލުން އިތުރު ހަމަލާތައް ދީފިނަމަ، އީރާނުން ދޭ ރައްދު މާވަރުގަދަ ވާނެ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އާރާގްޗީ ވިދާޅުވެފައިވެ އެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން އަވަހާރަކޮށްލައިވާ ކަމަށް އީރާންގެ ސަރުކާރުން ހާމަކޮށްފައިވެ އެވެ. އަދި އެ ގައުމުގެ ނިއުކުލިއާ ޕްރޮގްރާމްގައި އިސްކޮށް އުޅުއްވާ ބައެއް ސަައެންސްވެރިންވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.

އެކަމުގައި ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް 100 އަށް ވުރެ ގިނަ މިސައިލް ހަމަލާ އިޒުރޭލަށް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގެ ބައިބޯ ސަރަހައްދެއްގައި ހުރި އިމާރާތްތަކަކަށް، އޭގެ ތެރެއިން ބައެއް ހަމަލާތައް އަރައި، ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އިޒްލޭނުން އެއްބަސްވެފައިވެ އެވެ.

އިޒްރޭލުން ރޭވެސް ވައިގެމަގުން އީރާނުގެ ވެރިރަށް ތެހެރާނަށާއި ބައެއް ގޭސް ފީލްޑްތަކަށް ހަމަލާ ދީފައިވާއިރު، އީރާނަށް އެކިވަރުގެ ގެއްލުންތައް ހަމަލާތަކާ ގުޅިގެން ލިބިފައިވެ އެވެ. އީރާނުގެ ހުޅަނގު ދެކުނުގެ ޝަހްރާންގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒުގައި ރޯވެފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓުތައްވެސް ބުނެ އެވެ.

ރޭގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ފުލުފުލުގައި އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައިވެ އެވެ. މި ހަމަލާތަކުގަައި އިޒްރޭލުގެ ހައިފާ ސަރަހައްދުގައި ހުރި އެނާޖީ ފީލްޑްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ދެ ގައުމުން ބަދަލުކުރި ހަމަލާތަކުގައި މިހާތަނަށް އިރާނުގެ 78 މީހަކު މަރުވެ 320 މީހުން ޒަޚަމްވެފައިވާއިރު، އިޒްރޭލުގެ 12 މީހަކު މަރުވެ 76 މީހުން ޒަޚަމްވެފައިފައިވެ އެވެ. އަދި އިޒްރޭލުގެ 30 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާތައް ދުނިޔޭގެ ގިނަ ގައުމުތަކަކުން ކުށްވެރިކޮށްފައިވާއިރު އެމެރިކާއާ ހުޅަނގުގެ ބާރުތަކުން އިޒްރޭލުގެ އަމަލުތައް ދިފައުކޮށްފައިވެ އެވެ. އިނގިރޭސިންނާއި ފަރަނސޭސިން ވެސް ވަނީ އިޒްރޭލުގެ ދިފާއުގައި ތެދުވެފަ އެވެ.

މަސްރަހް އިތުރަށް ގޯސްވިޔަނުދީ، ދެ ގައުމުންވެސް ހަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލައި، މަޝްވަރާ އިސްކުރަން އދ އިން ވަނީ ގޮވާލާފަ އެވެ.