މުހައްމަދު ޝަމްއާން ވަހީދު

ޝަމްއާންގެ ބަންދު މައްސަލައިގެ އިސްތިއުނާފު ފަށައިފި

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފީ މައްސަލަ ފެށީ މިއަދު ހެނދުނު 9:00 ގަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. އަދި ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އެޕްރީލް މަހުގެ ހަ ވަނަ ދުވަހު އަމުރުކުރި އެވެ. ބަންދު އަމުރު އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށާފައިވާއިރު ޝަމްއާން އާއި އިތުރު ބަޔަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ހުށަހަޅާފަ އެވެ.