އެމްޑަބްލިޔުއެސްސީ އިން ގދ. ފިޔޯރީގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާ ކޮމިޝަންކޮށްފި އެވެ.
ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ހައުސިން މިނިސްޓްރީ އާއި ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.
މިރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް ގާއިމްކޮށް ފެނުގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.
މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފަ އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި ފިޔޯރީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިންގް ލައިން އަޅައި ޕަންޕިންގް ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓް ފޯލް ވަނީ އަޅާފަ އެވެ.

ގޭގެގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅުމުގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
ފިޔޯރީގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 59.95 މިލިއަން ދިވެހި ރުފިޔާ އެވެ.
މިމަޝްރޫއުގެ ސަބަބުން ފިޔޯރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.