އިނގިރޭސިވިލާތް

އިނގިރޭސީން މެދުއިރުމައްޗަށް އިތުރު ޖެޓްތަކެއް ފޮނުވަނީ

އިޒުރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މެދުއިރުމައްޗަށް އިތުރު އާރްއޭއެފް ޖެޓް ފޮނުވަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމަ ވިދާޅުވެއްޖެ އެވެ.

ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓަށް ވަޑައިގަތުމުގެ މަގުމަތީގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓާމަ ވިދާޅުވީ ޓައިފޫން އަދި އެއަ-ޓް-އެއަ ރިފިއުލަ ހިމެނޭ ގޮތަށް އިތުރު މިލިޓަރީ މަތިންދާބޯޓުތަކެއް "މުޅި ސަރަހައްދަށް ކޮންޓިންޖެންސީ ސަޕޯޓެއްގެ ގޮތުގައި" ފޮނުވަމުންދާ ކަމަށެވެ.

"މި ހާލަތަކީ ވަރަށް އަވަހަށް ބަދަލުވަމުންދާ ހާލަތެއް. އަޅުގަނޑުމެންގެ އެލައިންސްތަކާއެކު މަޝްވަރާތައް ކުރިއަށް ދަނީ. އަޅުގަނޑުމެންގެ ދާއިމީ މެސެޖަކީ ހާލަތު މައިތިރިކުރުން،" ސްޓާމަ ވިދާޅުވި އެވެ.

އިޒުރޭލަށް އެހީތެރިވުމަށް އިނގިރޭސިވިލާތުގެ ޖެޓްތައް ބޭނުންކުރުމާމެދު އެއްވެސް ނިިންމުމެއް އަދި ނިންމާފައި ނުވާ ކަމުގައިވެސް ސްޓާމަ ވިދާޅުވި އެވެ.

ޔޫކޭއިން އެންމެ ފަހުން މި ސަރަހައްދަށް ޖެޓް ފޮނުވި ކަމަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

ޖަރުމަނުގެ ޗާންސެލާ ފްރީޑްރިޗް މެޒް، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭހެން ހުޅަނގުގެ ޖީ7ގެ ލީޑަރުން ކެނަޑާއަށް ވަޑައިގެން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށްވެ އެވެ.