ކުލަބް ވޯލްޑް ކަޕް

ޕީއެސްޖީއަށް އެތުލެޓިކޯ މެޑްރިޑް އަތުން ފަސޭހަ މޮޅެއް

ފީފާ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އިން 4-0ގެ ނަތީޖާއަކުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބޮޑު މޮޅެއް ހޯދައިފި އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޕަސަޑޭނާގެ ރޯސް ބޯލް ސްޓޭޑިއަމްގައި 80،000 މީހުން ހާޒިރުވި މި މެޗުގެ ކޮންޓްރޯލް ނަގައިގެން ގިނަ ވަގުތު ކުޅެފައި ވަނީ ޕީއެސްޖީ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނިޓްގައި ކްވަރަޝްކޭލިއާ ދިން ބޯޅަ އަކުން ފަބިއަން ރުއީޒް ޖެހި ގޯލުން ޕީއެސްޖީން މެޗުގައި ފުރަތަމަ ލީޑް ނެގި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްވަރަޝްކޭލިއާ ދިން އެހެން ބޯޅަ އަކުން ވިޓީނިއާ ޖެހި ގޯލުން ޕީއެސްޖީގެ ލީޑު 2-0 އަށް ފުޅާކުރި އެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ އިރެއް ނުވަނީސް އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ގޯލެއް ޖެހި ނަމަވެސް އެ ގޯލު ރެފްރީ ބަލައި ނުގަތެވެ. ސަބަބަކީ ގޯލު ޖެހުމުގެ ކުރިން ޕީއެސްޖީގެ ޑޫއޭ އަށް ފައުލެއް ކޮށްފައިވާތީ އެވެ.

މެޗުގެ 78 ވަނަ މިނެޓްގައި އެތުލެޓިކޯގެ ލޯންގްލޭއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެތުލެޓިކޯ އަށް މެޗުގައި އިތުރު މައްސަލަތަކެެއްވެސް ދިމާވި އެވެ. އަދި 88 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިޔާ ސެނީ މަޔޫލޫ ޖެހި ގޯލުން ޕީއެސްޖީ އިން މެޗުގެ ތިންވަނަ ލެޑް ޖެހި އެވެ.

މެޗުގެ އިތުރު ވަގުތުގައި އެތުލެޓިކޯގެ ލެ ނޯމާންޑް އަތުގައި ބޯޅަ ޖެހުމުން ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި 4-0 އަށް ނަތީޖާ ބަދަލުކުރި އެވެ. ޕެލަންޓީ ޖަހައިދީފައިވަނީ ލީ ކަންގް އެވެ.