ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އިނގިރޭސީ ކްލަބް ޗެލްސީ އަދި އެމެރިކާގެ ލޮސް އެންޖެލެސް އެފްސީ ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށްފި އެވެ.
އެމެރިކާގެ އެޓްލާންޓާގައި ހުންނަ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން 20،000 މީހުން ދަނޑަށް ވަދެފައިވެ އެވެ. މި ސްޓޭޑިއަމް އަކީ 77،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.
މެޗުގެ އުސްއަލިތަކަށް ބަލާއިރު ފުރަތަމަ ހާފު ފެށިގެން ގޮސް އެ ހާފުގެ 29 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފަ އެވެ. މި ޖޯލު އެ ޓީމަށް ޖެހައިދީފައިވަނީ ޕެޑްރޯ ނެޓޯއަށް ނިކޮލަސް ޖެކްސަން ނަގައިދިން ހުރަހަކުންނެވެ.
މި މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީގެ ކޯޗް އެންޒޯ މަރެސްކާ ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ފޯވަޑް ލިއާމް ޑެލަޕް ދަނޑަށް އަރުވާފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޑެލަޕް ވަނީ ރަގަޅު ފޯމެއްގައި ކުޅެފަ އެވެ. ޗެލްސީ ޖެހި ދެވަނަ ގޯލު ޖެހީ ޑެލަޕް ނެގި ހުރަހަކުން އެންޒޯ ފެނާންޑޭޒް އެވެ.
މި މެޗަށް ސަޕޯޓަރުން ވަދެފައިވާ އަދަދު މަދުވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި މެޗު ބެލުމަށް މިހާ މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވަނީ މެޗު ކުޅެފައިވާ ވަގުތުގެ ގޮތުން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.