މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުހައްމަދު އާލިމް (22އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 12:41 ހާއިރު ހުޅުމާލެ ފޭސް 2ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ގެންގުޅުނު ކޮތަޅު ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމެވެ.