ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) އިމާރާތަކުން ވެއްޓުނު ހާދިސާ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފޮނުވައިފި އެވެ.
ރައީސް މުއިއްޒު މިއަދު ވިދާޅުވީ ކޮމިޝަންގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މުޅި ރިޕޯޓް އާންމުކުރެއްވުމަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރައީސް މުއިއްޒު، ތިން މެންބަރުން ހިމެނޭ ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ. ނަމަވެސް އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އިތުރު މެންބަރުން އައްޔަންކުރައްވައި ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އަލުން ކޮމިޝަން އެކުލަވާލީ މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު އެވެ.
އެ ކޮމިޝަނުން މީގެ ކުރިން ބުނީ މައްސަލައާ ގުޅުންހުރި ތަންތަނަށް ކޮމިޝަންގެ މެންބަރުން ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެ އެވެ.
ފުލުހުން މީގެކުރިން މިމައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޔުމްނު ވެއްޓުނީ ނޫން ކަމަށް އޭނާ ބުނާ ކަމަށް އާއިލާ އިން ބުނެ އެވެ.
ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އޭނާއަށް މިހާރު ގެންދަނީ މެލޭޝިއާގައި ފަރުވާ ދެމުންނެވެ.