މަސްތުވާތަކެތި

ބޯޓުން އަތުލައިގަތް ބޭރު މީހުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ފަށަނީ

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުން ދޫކޮށްލި އިންޑިއާ މީހުންގެ އިސްތިއުނާފު ފަށަން ތައްޔާރުވެއްޖެ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބަންދުގައި ހުރީ ބޯޓުގެ ކެޕްޓަން އެކަންޏެވެ. ބޯޓުން 10 މީހުން ހައްޔަރުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މާޗު މަހު އަތުލައިގެން ބޯޓަކީ، މުތާ ޑައިމަންޑް ކިޔާ ބޯޓެކެވެ.

މި ބޯޓުން އަތުލައިގަތް އިންޑިއާ މީހުންގެ އިސްތިއުނާފް ޝަރީއަތް ފެށުމަށް ތާވަލުކޮށްފައި އޮތީ ބުދަ ދުވަހު ހެނދުނު އެވެ. ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދާނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

މި ބޯޓުން ދޫކޮށްލި ބައެއް މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެންމެ ފުރަތަމަ އިސްތިއުނާފް ކުރި މައްސަލަ ހައިކޯޓުން ބަލައި ނުގަތެވެ. ހައިކޯޓުން އެ މައްސަލަ ބަލައިނުގަތުމުން، ދައުލަތުން އެ ނިންމުން މުރާޖައާ ކުރުމުން، ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވަނީ ރައުޔު ތަފާތުވެފަ އެވެ. އެކަމަކު މެޖޯރިޓީ ފަނޑިޔާރުންނަށް ފަހުން ބުރަވެވުނީ ހައިކޯޓަށް ބަލައި ނުގަތް މައްސަލަ، ބަލައި ނުގަންނަން ނިންމި ނިންމުން ބާތިލް ކުރާށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހުނީވެސް ދައުލަތަށެވެ. މި މީހުންގެ ބަންދު އަމުރު ރިޕޯޓުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތުން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު އެހެން ފަޅުވެރިންތަކަކާއެކު ބޯޓު ފުރައިގެން ގޮސްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކާފައެއް ނުވެ އެވެ.