ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

"ފުދުންތެރި ދައުލަތެއް ބިނާކުރުމަކީ އެންމެންގެ ކަމެއް"

ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވާތީ އެ ޒިންމާ އަދާކުރުމުގައި، ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވުމަަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އިލްތިމާސް ކުރައްވައިފި އެވެ.

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ގައުމުގައި ފަސް އަހަރުގެ ތެރޭގައި އާ ވަޒީފާތައް އުފެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ އިތުރުން އެމަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއް ކަމަށެވެ.

"އެ އަމާޒަށް ވާސިލްވުމުގައި ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވޭ،" ހުސައިން ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ އަމާޒަށް ވާސިލްވުމުގެ ގޮތުން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅައި ނިންމެވުމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ ފަދަ ދިވެހީންގެ ހިދުމަތް މުހިއްމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ހާއްސަ އިނާޔަތްތައް ތައާރަފްކުރުމުގެ މަސައްކަތް ފެށުމާއި، ގައުމީ ހިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ހާއްސަ އިގްތިސާދީ މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެމަސައްކަތުގައި ޝާމިލްވުމަށް ނައިބް ރައީސް އިލްތިމާސްކުރެއްވި އެވެ. އަދި ސަރުކާރުން ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާ އެކެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާސިލްވުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.