ރައްޔިތުންގެ މަޖިލިސް

ތައުލީމާއި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ މުސާރައިގެ ގަރާރެއް

ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް އުޖޫރަ ދިނުމާގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ސިއްހީ ދާއިރާގެ މަސައްކަތްކުރާ އެކިއެކި ޓެކްނިކަލް ގިންތިތަކުގައި ހިމެނޭ ފަރާތްތައް ނިސްބަތްވާ 63 ގިންތިއެއްގެ މުވައްޒަފުން ފިނޭންސް މިނިސްޓްރީގެ ހެލްތު ޖޮބްމެޓްރިކްސްގެ އުސޫލަށް ހިޖުރަކުރުވައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު އެހެން ދާއިރާތަކާއެއް ހަމަކުރުމަށް އާ ޕޭ ޕްރޭމްވޯކެއް ތައާރަފުކުރެވުނު ކަމަށެވެ.

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރުވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންގްތަކެއް ކަނޑައެޅިފައި ވީނަމަވެސް މި ދެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއްކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ ނަންބަރުގައި އިތުރުގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މި މިންގަނޑުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 ޕަސެންޓް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

"އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފު ލައްވާ މަސައްކަތް ކުރުވުން މަނާވެފައިވީނަމަވެސް ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާއެކު ސިއްހީ މަސައްކަތްތެރިންގެ ގިނަ ފަރާތްތަކެއް ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހިފައިވާ،" ކަމަށް ގަރާރުގައިވެ އެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސްކޫލު ގަޑިތަކުގެ ބޭރުން ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އެއް ސަބަބަކީ ސިއްހީ ދާއިރާގައި ޕޭޝަންޓް-މެޑިކަލް ކެއާޓޭކާ ރޭޝިއޯ އަދި ތައުލީމީ ދާއިރާގައި އެޑިއުކޭޓާ-ސްޓޫޑަންޑް ރޭޝިއޯ ހަމަނުވުން ކަމަށް މެންބަރު ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

ގަރާރުގައި ވަނީ މި ދެ ދާއިރާގެ މުވައްޒަފުން އިތުރުކުރުމަކީ މިކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅެއްކަން ފާހަގަކޮށްފަ އެވެ.

"އަދި ހަމައެއާއެކު ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ސީލިންގްއަށް ވުރެ އިތުރަށް އެއްވެސް ފަރާތެއްލައްވާ މަސައްކަތްކުރުވަންޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމު،" ގަރާރުގައިވެ އެވެ.

ގަރާރުގައި ވަނީ ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލުވާނެކަން ވަޒީފާއާ ބެހޭ ގާނޫނުގައިި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

"ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަންޖެހޭ،" ކަމަށް ދެކޭ ކަމަށްވެސް ގަރާރުގައިވެ އެވެ.

ގަރާރުގައި ވަނީ މި ދެ ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ފެންވަރާއި ހާލަތް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށްޓަކައި ހިއުމަން ރިސޯސް އޮޑިޓެއް ހަދައި އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.