ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.
ނަމަވެސް މި ރިޕޯޓް މިއަދު ނެރުމާ ހަމައަށްވެސް ބައެއް މީހުން ބުނަމުން ދިޔައީ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު ވައްޓާލީ ކަމަށެވެ. އެގޮތުން އެކަން ކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަމުން ދިޔައީ ޔުމްނު ވެއްޓުނު މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ)ގެ މައްޗަށެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަނީ ރައުދުވެސް އަދި އެހެން މީހަކުވެސް ޔުމްނު ވައްޓާލީ ކަމަށް ކޮމިޝަނަށް ލިބުނު މައުލޫމާތާއި ހެކިން އެނގެން ނެތް ކަމަށެވެ. އަދި ޔުމުން އަމިއްލައަށް ގަސްދުގައި ކުޑަދޮރުން ފުންމާލި ކަމަށްވެސް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ޔުމްނު ކުޑަދޮރުން ވެއްޓުނީ ކަމަށް ކޮމިޝަނުން ލަފާކޮށްފައިވަނީ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވާތީ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހްމާލު އޮތް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ހަތަރު ކަމެއްވެސް ރިޕޯޓްގައިވެސް ފާހަަގަކޮށްފައިވެ އެވެ. އެއީ:
- ޔުމްނުއާއިރައުދުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެރޭ ހިނގާފައި ނެތުމާއި ޔުމްނު ވެއްޓުނު ގޭގެ ނުވަވަނަ ފަންގިފިލާއަށް ޔުމްނު އެރީވެސް އަދި އެ ގެއަށް ދިޔައީވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށްވުން
- ޔުމްނުއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން
- - ޔުމްނު ވެއްޓުނު ކަމަށް ބެލެވޭތީ ރައުދު އޭނާ ހޯދަން މަސައްކަތްކޮށްފައި ވުމާއި އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަންވެސް ފެންނަން އޮތުން
- ޔުމްނު ވެއްޓިގެން ލިބުނު އަނިޔާއެއް ފިޔަވައި އެރޭ އެހެން އަނިޔާއެއް ލިބިފައި ނުވުމާއި އެއްވެސް މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން ނެތުން
ކޮމިޝަންގެ ތަހުގީގު ނިންމައި މިއަދު ރިޕޯޓް އާންމުކުރި ނަމަވެސް މިމައްސަލައިގައި އެންމެ ބޮޑަށް މައުލޫމާތު ބޭނުންވާ އެއް ފަރާތް ކަމަށްވާ ޔުމްނުގެ ފަރާތުން އެއްވެސް ބަޔާނެއް ކޮމިޝަނަށް ނުލިބުނުކަންވެސް ރިޕޯޓްގައި ފާހަަގަކޮށްފައިވެ އެވެ.
ރިޕޯޓްގައި އިތުރަށް ބުނީ ރައުދު އާއި ޔުމްނު ތިބީ މަސްތުގެ ހާލަތުގައި ކަން ރިޕޯޓްތަކުން އެނގޭތީ އެކަމުގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ މީހުން އަމިއްލައަށް ކަމަށެވެ.