ރައްޔިތުންގެ މަޖިލިސް

ގުރައިދޫ މަރުކަޒަށް ނުވެއްދުމުން ހުށަހެޅި އިމްތިޔާޒުގެ މައްސަލައަށް ބަހުސްކުރަން ފާސްވެއްޖެ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމަށް ހުއްދަ ނުދިން ކަމަށް ބުނެ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަށް ބަހުސްކުރަން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވަނީ މަޖިލީހުގެ މެންބަރަކު ދައުލަތުގެ އިދާރާއަކަށް ޒިޔާރަތްކޮށް މައުލޫމާތަކަށް އެދިވަޑައިގެންފިނަމަ އެ މައުލޫމާތެއް އެ މެންބަރަކާ ހިއްސާކުރަންޖެހޭނެކަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

"މިފަދައިން ގާނޫނުގައި ބަޔާންކޮށްފައިވާ ހިނދު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، މަރުކަޒުގެ ހާލަތު ދެނެގަތުމަށް އެ މަރުކަޒަށް ދިއުމަށް ބޭނުންވާތީ އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި މިނިސްޓާ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމަށް 19 އެޕްރީލް 2025 ވަނަ ދުވަހު ވާނީ ސިޓީއަކުން ދަންނަވާފަ،" މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.