އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ 8:30 ގަ އެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމުމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ބާއްވާ ޖަލްސާއެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ޕާޓީ އުވާލުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ޑިމޮކްރެޓްސް އިން ނިންމީ އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ ހާއްސަ ބައްދަލުވުމުގަ އެވެ.

ޑިމޮކްރެޓްސް ޕާޓީ އުވާލުމަށް ނިންމައި އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަރިސް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދަވަމުން ގެންދަވާ ވަގުތެއްގައެވެ.

ޑިމޮކްރެޓްސް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި ނަޝީދު އަޑީގައި ހުންނަވައިގެން އުފެއްދި ޕާޓީ އެކެވެ.