އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓެރިފް ސިޔާސަތަށް ގެންނެވި ބަދަލުތަކުގެ ސަބަބުން ޖަޕާނުގެ އެކްސްޕޯޓް ދަށަށް ގޮސްފި އެވެ.
ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ޖަޕާންގެ އިގްތިސާދު އަދިވެސް އިތުރަށް ހީނަރުވެދާނެކަމުގެ ނުރައްކާ މިހާރު އެބައޮތެވެ.
ޖަޕާނުގެ ފިނޭންސް މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މެއި މަހު އެ ގައުމުގެ އެކްސްޕޯޓް ވަނީ 1.7 އިންސައްތަ ދަށަށް ގޮސްފަ އެވެ. މިއީ ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ހާއްސަކޮށް ކާރު، ދަގަނޑު އަދި މައުދަނީ ތެލުގެ އެކްސްޕޯޓަށް ބޮޑު ދަށްވުމެއް އައިސްފައިވެ އެވެ.
އެކްސްޕޯޓް ދަށަށް ދިޔަ ނަމަވެސް އެކްސްޕޯޓްގެ ވޮލިއުމް ވަނީ 1.8 އިންސައްތަ އިތުރުވެފަ އެވެ. މީގެ މާނައަކީ އެކްސްޕޯޓަރުން ޓެރިފްގެ އަސަރު، އަގުތައް ދަށްކޮށްގެން ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވެ އެވެ.
ޖަޕާންގެ އިމްޕޯޓަށް ބަލާއިރު މިދިޔަ މެއި މަހު އިމްޕޯޓްވެސް ވަނީ 7.7 އިންސައްތަ ދަށަށް ގޮސްފަ އެވެ. ހާއްސަކޮށް ތެލުގެ އިމްޕޯޓްގައި ބޮޑު ދަށްވުމެއް އައިސްފައިވެ އެވެ. މިކަމުގެ ސަބަބުން ޖަޕާނުގެ ވިޔަފާރި ބެލެންސްގައި 637.6 ބިލިއަން ޔެން (4.4 ބިލިއަން ޑޮލަރު)ގެ ދަރަންޏެއް ވަނީ އުފެދިފަ އެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި މި ހާލަތުގައި ޖަޕާނުގެ އިގްތިސާދު މިއަހަރުގެ ދެވަނަ ކުއާޓަރުގައިވެސް ދަށަށް ދިއުމުގެ ފުރުސަތު ބޮޑެވެ.