ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ މީހުންނަށް ވަކީލުން ހަމަޖައްސަން ހައިކޯޓުން ފުރުސަތު ދީފި އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުން ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްނުލައި ހުރީ ބޯޓުގެ ކެޕްޓަން އެކަންޏެވެ. ބޯޓުން 10 މީހުން ހައްޔަރުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މާޗު މަހު އަތުލައިގެން ބޯޓަކީ، މުތާ ޑައިމަންޑް ކިޔާ ބޯޓެކެވެ.
މި ބޯޓުން ދޫކޮށްލި އިންޑިއާ ހަ މީހުންގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މީހުންގެ އިސްތިއުނާފު ޝަރީއަތް ބުދަ ދުވަހުވަނީ ފަށާފައެވެ. ބުދަ ދުވަހު ޝަރީއަތް ފަށައި އެ މީހުންނަށްވަނީ ވަކީލުން ހަމަ ޖައްސަން ފުރުސަތު ދީފަ އެވެ. އެ މީހުން ހައިކޯޓަށް ހާޒިރުވީ ތަރުޖަމާނަކާ އެކު އެވެ.
ތަރުޖަމާނުގެ އެހީގައި އެ މީހުން ކޯޓުގައި މިއަދު ބުނީ އެ މީހުންގެ ކޮމްޕެނީން ވަކީލުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލު ކުރުމުން އެ މީހުންގެ ތަރުޖަމާނު ބުނީ އެކަން ހިނގާ ގޮތް ނޭނގޭ ކަމަށެވެ. އަދި ވަކިވަކިން ކޮންމެ މީހަކުވެސް ވަކީލަކު ބޭނުންކަމަށް ވަނީ ޝަރީއަތުގައި ބުނެފަ އެވެ. ކޯޓުން ވަނީ ވަކީލުން ހަމަޖައްސަން ފުރުސަތުދީ، އަންނަ އާދިއްތަ ދުވަހު މައްސަލަ އަލުން ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.