ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ވަކި ޕަސަންޓެއް ބޭންކްތަކަށް މާރުކުރަން މަޖުރޫބުކޮށްފައިވާތީ އެކަމާ ގުޅިގެން ރިސޯޓްތައް ހިންގަން ދަތިވާ ކަމަށް ބުނެ ބައެއް ރިސޯޓްތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުންދާ ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ނިންމުމަށް ދަނީ އަމަލުކުރަމުންނެވެ. އެކަމަކު އެ ސިޔާސަތުގެ ސަބަބުން ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުން ފެށިގެން ދިވެހި ފައިސާ އިން ދޭން ޖެހިދާނެ ކަމަށް ބައެއް ރިސޯޓްތަކުން ބުނަމުންދާ ކަމަށް އެފަދަ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.
ސަރުކާރުގެ ސިޔާސަތު ދިފާއުކުރައްވައި ގާސިމް މިރޭ ވިދާޅުވީ ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށްވާތީ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭންވާނީ ޑޮލަރުން ކަމަށެވެ. ޑޮލަރުން ނޫންގޮތަކަށް މުވައްޒަފަށް ސާވިސްޗާޖް ދޭނަމަ އެއީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ކަންވެސް ގާސިމް ހަނދާންކޮށްދެއްވާފައިވެ އެވެ.
ގާސިމް ވިދާޅުވީ ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށްފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީވެސް އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހަކީމެވެ. އަޅުގަނޑުމެންނަށްވެސް މި ދަތި އެބައޮތެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ގާނޫނުންވެސް އެ ލުއި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާއިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުވައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީ އެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ބައެއް އެހެން ކުންފުނިތަކުން މިހާލަތާ ގުޅިގެން މުސާރަވެސް ދިވެހި ރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރު ލިބޭ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. މުވައްޒިފުންނާ އެކު އެއްބަސްވުންތައް ހަދާފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށްވެސް ވިދާޅުވި އެވެ.
"ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުވައްޒަފު މީހާ އެކަމަށް އިއުތިރާޒެއް ނެތް ކަމުގައިވާނަމަ އެވެ،" ގާސިމް ވިދާޅުވި އެވެ.