ސާޖިދާ މުހައްމަދު

ދަރިމައިވުމުގެ ފަރުވާއާ ގުޅޭ ތަމްރީން ސްކޮލާޝިޕްތަކެއް ދިވެހިންނަށް

މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހިން ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަންގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީޚުގައި އިޖުތިމާއީ ތަރައްގީގެ ތަފާތު ޕްރޮގްރާމްތައް، މެކް ފައުންޑޭޝަނުން ހިންގާފައިވާތީ މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މެކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދަ" ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ އައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ސާޖިދާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، މެކް ފައުންޑޭޝަނުން ސްކޮލަޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ސާޖިދާ ޝުކުރު އަދާކުރެއްވި އެވެ. މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެންނަމަވެސް މުހިއްމު ދާއިރާއެއް ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގު މުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އަދި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންއާއި، ނަފްސާނީ ސިއްހަތާއި ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން ވާހަކަދެއްކެވި އެވެ.

މެޑަމް ސާޖިދާ ވަނީ ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަޓެންޝަން ފަދަ ބަލިތަކާއި، އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައްވެސް ހިއްސާކުރައްވާފަ އެވެ. އަދި އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވެދީ، އަންހެނުންނަށް އިންސާފު ލިބުމުގެ ފުރުސަތު އިތުރުކޮށްދީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެހީތެރިވެދީ، ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން، ޖެންޑަ އިކުއަލިޓީ ޕޮލިސީތައް ތައާރަފުކުރުމާ ބެހޭގޮތުންވެސް ވާހަކަދެއްކެވި އެވެ.