ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު އެ މަގާމުން މިރޭ ވަކިކުރައްވައިފި އެވެ.
ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލަ އާއި ގުޅިގެން ފުލުހުން ފެށި ތަހުގީގާ ގުޅިގެން ދާއޫދު ހުންނެވީ މިހާތަނަށް މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ދާއޫދުގެ ކޮއްކޮ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ވަނީ ކުރިން ފުލުހުންގެ ތަހުގީގަށް ބަންދުވެސްކޮށްފަ އެވެ. އަދި ދައުލަތުން މިހާރު ވަނީ ރައުދުގެ މައްޗަށް ދައުވާވެސް އުފުލާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އޭނާ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ދާއޫދު ދިން ބަޔާނުގައި ވަނީ މައްސަލައާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާ ވާހަކަ ދައްކަވާފައިކަން ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ކޮމިޝަނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހްސާން ވެސް ވަނީ އެކަން ތަފްސީލްކޮށް ކޮމިޝަނާއި ހިއްސާކުރައްވާފަ އެވެ. އަދި ދާއޫދޫ އާއި އިހްސާނާ ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލްވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ.