ބައްސާމް އަދީލް ޖަލީލް

ބައްސާމް ކޯޓަށް ހާޒިރު ނުވި، ފައިސާގެ މައްސަލައެއްގައި ބޮޑު ހުކުމެއް

ސިވިލް ކޯޓުގައި ހިނގި ފައިސާގެ މައްސަލައެއްގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާ މީހަކަށް ދައްކަން ހުކުމްކޮށްފި އެވެ.

މިއީ، ހުޅުމާލެ ފެހިތަރި އަބްދުލްޖަލީލް އަބްދުއްރަހްމާން ކިޔާ މީހެއްގެ އަތުން ބައްސާމް ނަގާފައިވާ ފައިސާ އަނބުރާ ނުދީގެން އެ މީހާ ބައްސާމްއާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. މިހާރުވެސް ޖިނާއީ އެތައް މައްސަލައެއްގެ ދައުވާ އުފުލިފައިވާ ބައްސާމްއާ ދެކޮޅަށް، މި މައްސަލަ ބުދަ ދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ ބައްސާމް އަދީލް ޖަލީލްގެ ގައިރު ހާޒިގައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެ ކޯޓުގެ ގާޒީ ފައިސަލް އާދަމްއެވެ. ފައިސަލް އާދަމް ބުދަ ދުވަހު ކުރި މި ހުކުމަކީ، މީހެއްގެ އަތުން ބައްސާމް ނަގާފައިވާ ފައިސާއިން އޭނާ އަނބުރާ ނުދައްކާ އޮތް، 269،714 ރުފިޔާއާއި، އިތުރު 6000 ރުފިޔާ އަދި ޝަރީއަތުގެ ހަރަދަށްވާ 25،000 ރުފިޔާ ހޯދަން ކުރި ދައުވާގެ ހުކުމެވެ.

ބައްސާމްގެ ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 18 ޖޫން 2025 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި 314،714 ރުފިޔާ، ބައްސާމް އަދީލް ޖަލީލް ސިވިލް ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތުގެ ހައެއްކަ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދެ އެވެ. މީގެއިތުރުން ހިޔާނާތުގެ ފައިސާއިން ހޯދާފައިވާ ކަމަށް ބެލެވޭ ބައްސާމްގެ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނަގަން ވަނީ އެދިފަ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އޭގެފަހުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިނާޔާތްތެރިވުމުގެ އިތުރު ދައުވާ އުފުލާފައިވެ އެވެ.