ކްލަބް ވޯލްޑް ކަޕްގެ މެޗުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ސައުދީ އަރަބިއްޔާގެ އަލް ހިލާލް ރޭ ވާދަކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ
އެމެރިކާގެ މިއާމީ ހާޑް ރޮކްສްސްޓޭޑިއަމްގައި 62،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ހާޒިރުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑަށް މެޗުގެ ފުރަތަަމަ ގޯލް ޖަހައިދިނީ ގޮންޒާލޯ ގާސީޔާ އެވެ. މެޗުގެ 34 ވަނަ މިނެޓްގައި ގާސިޔާ ގޯލް ޖެހީ ރޮޑްރިގޯ ދިން ރީތި ބޯޅައަކުންނެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ފަހު ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަލް ހިލާލަށް ލިބުނު ޕެނަލްޓީއަކުން ރުބެން ނެވޭ ވަނީ ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފުގައި ރެއާލް މެޑްރިޑް ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އަލް ހިލާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ފެޑެރީކޯ ވަލްވާޑް ފޮނުވާލުމުން، އަލް ހިލާލްގެ މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ އެ ޕެނަލްޓީ ދިފާއުކޮށް އޭނާގެ ޓީމު މެޗުން ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފަ އެވެ.
ރޭގެ މެޗުގައި ރެއާލްގެ ތަރި އެމްބާޕޭ ޓީމުގައި ހިމަނާފައެއް ނުވެ އެވެ. އޭނާ ޓީމަށް ނަގާފައި ނުވަނީ ރޯގާ ޖެހިފައި ހުރުމުން ކަމަށް ރެއާލް އިން ބުނެ އެވެ.