ޑޮނަލްޑް ޓްރަމްޕް

އަހަރެން ކޮށްފާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ: ޓްރަމްޕް

އޭނާ ކުރައްވާފައި ނުކުރައްވާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އިޒުރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެދާނެކަމުގެ އިޝާރާތްތަކެއް ކުރައްވަމުންނެވެ. އެހެންނަމަވެސް އެކަމުގައި އެއްވެސް ނިންމުމެއް އަދި ނިންމަވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އަހަރެން މިކަން ކުރާނެކަންވެސް ތިޔަބައިމީހުންނަކަށް ނޭނގޭނެ. އަހަރެން މިކަން ކޮށްފާނެ. ނުކޮށްވެސް ހިނގައިދާނެ. އަހަރެން ކުރާނެ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ. އަހަރެންނަށް ބުނަން ކެރޭ އީރާނަށް ވަރަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާކަން. އަދި އެމީހުން މަޝްވަރާކުރަން ބޭނުންވާކަން،" ޓްރަމްޕް ވިދާޅުވި އެވެ.

އިރާނާއި އިޒުރޭލު ހަނގުރާމަ ފެށި ފަހުން ޓްރަމްޕް ގެންދަވަނީ އޭނާގެ ވާހަކަ ދުވާލަކު އެތައް ފަހަރަށް ބަދަލުކުރައްވަމުންނެވެ. އެއް ފަހަރު ވިދާޅުވާ އެއްޗެއް ދެވަނަ ފަހަރަށް އެއްގޮތަކަށް ވިދާޅެއް ނުވެ އެެވެ.

ވައިޓް ހައުސްގެ ގޯތިތެރޭގައި 27 މީޓަރުގެ ދެ ދިދަ ދަނޑި ޖައްސަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއަ ފެސިލިޓީތަކަށް ހަމަލާދިނުމުގައި އިޒުރޭލާ އެކު އެމެރިކާ ބައިވެރިވާނެތޯ ނިންމާނީ އެންމެ ފަހު ވަގުތުގައި ކަމަށްވެސް ވިދާޅުވި އެވެ.

"އަހަރެންގެ ވިސްނުމުގައި ކުރާނެ ކަންތައްތަކެއް އެބަހުރި. އެކަމަކު އަދި ފައިނަލް ނިންމުމެއް ނިންމާފައެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.

"އަހަރެން ގަސްދުކުރަނީ ފައިނަލް ނިންމުން ނިންމަން އޮންނަ އެންމެ ފަހު ސިކުންތުގައި ނިންމަން. އެއީ ކަންތައްތައް ބަދަލުވާތީ. ހާއްސަކޮށް ހަނގުރާމައިގެ ކަންތައްތައް. ހަނގުރާމައިގެ ކަންތައްތައް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވެދާނެ،"

އިޒުރޭލާއި އިރާން ހަނގުރާމަ ފެށި ފަހުން ޓްރަމްޕް ދައްކަވާ ވާހަކަތައް ހުންނަ ގޮތުން އެމެރިކާގެ ތެރޭގައިވެސް އެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

މަސްރަހު ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިވުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ނުފޫޒުގަދަ ޔަހޫދީން ދަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފިއްތަމުންނެވެ.