ދިރާގު

ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ރާއްޖޭގައި ބާއްވާ ފުރަތަމަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ތޮއްޑޫގައި މި އަހަރުގެ އޮގަސްޓް 19 އިން 25 އަށް ބާއްވާ މި ތާރީހީ މުބާރާތް ވެގެންދާނީ މި ރަށުގައި މި ގޮތަށް ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަށެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ) އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގައި ޖަރުމަން، ޗައިނާ، ސްޕެއިން، އިންޑިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ ހިމެނޭ ގޮތަށް 20 އަށް ވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"މުޖުތަމައުގެ ތެރޭގައި ބާއްވާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. މިއީ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމެއް،" މިރްޝާން ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ މި ތާރީހީ މުބާރާތް ތޮއްޑޫގައި ބޭއްވުމަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ތޮއްޑޫ ޕްރޮމޯޓްވެ ތޮއްޑޫއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށެވެ.

"ލޯކަލް ޓޫރިޒަމް ކުރިއަރުވައި، މުޖުތަމައުގެ ތެރޭގައި ކުރިއަގެންދާ މި ފަދަ ހަރަކާތްތަކަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރަން،" ކަރަމް ވިދާޅުވި އެވެ.

އިހާ އެކެޑެމީގެ ފައުންޑާ، އިބްރާހިމް ލަތީފް ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އަހަރުތަކެއް ވަންދެން ކުރަމުންގޮސްފައިވާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށެވެ.

"މި މުބާރާތް ބޭއްވުމަށް ދިރާގުން ދީފައިވާ ފުރިހަމަ އެއްބާރުލުން އަގުވަޒަންކޮށް، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ އެތުލީޓުން ކުރިއެރުވުމަށް ދިރާގުން ކުރާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ލަތީފް ވިދާޅުވި އެވެ.

ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.