ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެޖަމިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން ވަނީ މި އިނާމަށް ޖުމްލަ ނުވަ ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާތަކަށް ދެވޭ އިނާމެކެވެ.
ކުރިމަތިލާން ހުޅުވާލި ދާއިރާތައް
- އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު
- ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް
- އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް
- އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ
- ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ
- ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް. އެންޑް ހެރިޓޭޖް
- ޕްރޮމޯޝަން އޮފް އާރޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ
- އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން
- ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން
މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭ ފަރާތްތަކަށް ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.