ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑިމޮކްރެޓުންގެ ނިންމުމަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމުމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މީގެ ކުރިން ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގެ ވީޑީއޯ ކްލިޕެއްވެސް ހިމަނާފަ އެވެ.

ޕޯސްޓްގައި ރައީސް ސޯލިހު ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓްގައި ރައީސް ސޯލިހު ވަނީ ޅެން ބައިތެއް ހިމަނުއްވާފަ އެވެ.

"ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،" ސޯލިހް ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި ހިމެނޭ ވީޑިއޯ ކްލިޕްގައި ރައީސް ސޯލިހު ވަނީ އެމްޑީޕީއަކީ އެންމެންގެ ޕާޓީ ކަމަށާއި ޕާޓީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ.

"މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީއެއް. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީއެއް. އެކީގައި ވަޑައިގަންނަވަންވީ ހަމަ. އެ ޒާތީ އޭރު އެހުރި މައްސަލަތައް އެކަހެރި ކުރެވޭނެ އިނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއް ވިޔަސް އެކަން އެއްފަޅީގައި ބާއްވާފަ ގައުމަށާއި އަދި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދޭ އަޅުގަނޑުމެން އެ ދުވަހު ފެށި މަސައްކަތް،" އެ ވީޑިއޯ ކްލިޕްގައި ސޯލިހު ވިދާޅުވެ އެވެ.

ރައީސް ނަޝީދާއި ޑިމޮކްރެޓުންނަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވިއިރު ޑިމޮކްރެޓްސް ޕާޓީ އުވާލުމަށާއި ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީން ރޭ ވަނީ މަރުހަބާ ކިޔާފަ އެވެ.