ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ ސަފީރާއި ނައިބް ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގް ޝިންހުއާ، ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމާއި، ތަރައްގީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައިވެރިވެ އެކެވެ. ޗައިނާ އިން ގެންދަނީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކުރީ އޮކްޓޫބަރު 14، 1972 ގައެވެ.