ހައުސިން ޔުނިޓް

ފްލެޓް ނުލިބޭ މީހުންނަށް އަންގަން ފަށައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ ބައެއް މީހުންގެ ތެރެއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް ލިބިފައިވާ ބައެއް މީހުން ހިމެނޭތީ އެފަދަ މީހުންނަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބޭނެ ކަމަށް އަންގަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިޔާ އަދި ވިނަރެސް އިން ފްލެޓް ލިބޭ މީހުން ހިމެނޭ ކަމަށެވެ. އެހެންވެ އެފަދަ މީހުން ދެނަގަނެ އެ މީހުންނަށް ފްލެޓް ނުލިބޭނެކަން މިހާރު ދަނީ އަންގަމުން ކަމަށްވެސް ވިދާޅުވި އެވެ.

"ފްލެޓެއް އޮތް މީހަކަށް އަނެއްކާވެސް ފްލެޓެއް ދިނުމަކީ އިންސާފަކަށް ނުވާތީ އެގޮތަށް އަންގަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާނަމަ ފްލެޓް ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށާއި ފްލެޓް ދޫކޮށްލާނެ މީހަކު ނިންމާނީ އެ ދެ މީހުން މަޝްވަރާކޮށްފައި ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާކޮށް މިދިޔަ އޭޕްރީލް މަހު އާ ލިސްޓެއް ނެރެފަ އެވެ. ނަމަވެސް އާ ލިސްޓަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށް މިސަރުކާރުން މިހާރު ވަނީ ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޭން ނިންމާފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ.