މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްޗަށް "ގްރީން ނޯޓިސް" ނެރެނީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިގެން މުޖުތަމައަށް ދޫކޮށްލާ މީހުންގެ މައުލޫމާތު އިންޓަޕޯލްގެ ގައުމުތަކަށް ލިބޭ ގޮތަށް ގްރީން ނޯޓިސް ނެރެން ފަށައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ރާއްޖޭގައި އާންމުކުރަމުންދާ ކަމަށެވެ.

މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވާނީ "ގްރީން ނޯޓިސް" ނެރެފައި ކަމަށް ބުންޏެވެ.

މިއުސޫލުގެ ތެރެއިން މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 18 ބިދޭސީންނެވެ.

އިންޓަރޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން، ހާއްސަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ދެކޭ ކަމަށެވެ. މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލައި، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން އެފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެގައުމުތަކަށް ލިބޭނެ ކަމަށްވެސް ބުންޏެވެ.

ހާއްސަކޮށް ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުންނަށްވުމާއެކު އެއް ގައުމެއްގައި މިފަދަ ކުށުގެ އަމަލެއް ހިންގުމަށްފަހު އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭ ހާލަތްތަކުގައިވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވައި، އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.