ކިޔު ސްޓަޑީ އިން ބާއްވާ އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށް ބާއްވާ މި އެކްސްޕޯ އޮންނާނީ މިމަހުގެ 20 ވަނަ ދުވަހާއި 21 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގަ އެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ އެވެ. މި އެކްސްޕޯގައި 15 ގައުމަކުން 35 އަށްވުރެ ގިނަ އިންޓަނޭޝަނަލް ޔުނިވާސިޓީން ބައިވެރިވެ އެވެ.
މީގެ ތެރޭގައި މެލޭޝިއާ، އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ސިންގަޕޫރުގެ އިތުރުން ޔޫރަޕްގެ ޔުނިވާސިޓީތައްވެސް ހިމެނެ އެވެ.
މި އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްއިން ހާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ހިމަނާފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނި ގޮތުގައި މި ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ގޮތުން މި ޒޯނުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި، އެފްސީ25 ޒޯނެއް، މައިންކްރާފްޓް، އެސްޓްރޯ ބޮޓް، އަދި ބްރޯލްހަލާއާ އެކު ކުޑަކުދިންނަށް ހާއްސަ ޒޯނެއް ހިމެނެ އެވެ.
މީގެ އިތުރުން ސްޓްރީޓް ފައިޓާ 6، މޯޓަލް ކޮމްބަޓް 1، އަދި ނަރޫޓޯ އެކްސްއާއެކު ފައިޓިންގ ގޭމް ޒޯނަކާއި ޕަވްލޯވް ޝެކް އަދި ބީޓް ސޭބާއާ އެކު ވީއާރް ޒޯނެއް އަދި ގްރޭން ޓުރިޒްމޯއާ އެކު ރޭސިން ސިމިއުލޭޝަން ޒޯނެއް ވަނީ ހިމަނައިފަ އެވެ.
ދިރާގުން ބުނި ގޮތުގައި މި ޒޯނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ހުރިހާ ގޭމްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވޭނެ އެވެ.
ދިރާގުން ދަނީ ތައުލީމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.